އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލު އަދި ބްރެންޓްފޯޑު ބައްދަލުކުރި މެޗު 4-1 އަކުން ކާމިޔާބުކޮށް, ލިވަޕޫލުން ލީގުގެ އެއްވަނަ ދިފާއުކޮށްފިއެވެ.
ބްރެންޓްފޯޑުގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮންޓްރޯލު ކޮށްގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެޓީމުން ވަނީ މެޗު ފެށިގެން ބްރެންޓްފޯޑުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ލިވަޕޫލުން ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒެވެ. ނޫނޭޒްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.
ލިވަޕޫލުން އެޓީމުގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް މެކްއެލިސްޓާއެވެ. ލިވަޕޫލުން އެޓީމުގެ ލީޑު ތިން ގޯލަށް ފުޅާކުރި މެޗުގެ 68 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިންޖަރީއަށް ފަހު ކުޅުމުގެ ތެރެއަށް އައި މުހައްމަދު ސޮލާހެވެ. އޭގެ ހަތް މިނެޓު ފަހުން ބްރެންޓްފޯޑުގެ އައިވަން ޓޯނީ ވަނީ ލަނޑު ޖަހައި ލިވަޕޫލުގެ ލީޑު ކުޑަކޮށްފައެވެ. ނަމަވެސް 86 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލުން މެޗު ނިންމާލީ ތިން ގޯލުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުން މޮޅުވުމާއެކު ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ލިބިފައެވެ. އެޓީމުން އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 57 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ.