އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި 1-1 އަކުން އެއްވަރުވެ ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް ހަނިވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗަތް ނިކުތްއިރު ސިޓީ އޮތީ ކުޅުނު 23 މެޗުން ލިބުނު 52 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލު ވަނީ 25 މެޗު ކުޅެ 57 ޕޮއިންޓް ހޯދާފައެވެ. ސިޓީ ދެ މެޗު މަދުން ކުޅެފައިވާތީ އެދެމެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

ރޭގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ސިޓީއިންނެވެ. އެޓީމުން ވަނީ ލަނޑު ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހި ކޮށްފައެވެ. ނަމަވެސް އެފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ވަނީ ނުހިފިފައެވެ.

މެޗުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޗެލްސީއިންނެވެ. މިލަނޑު އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި ސިޓީ ދޫކޮށް ޗެލްސީއާ ގުޅުނު ރަހީމް ސްޓާލިންގްއެވެ. ސްޓާލިންގްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީއިން ވަނީ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް އެތައް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސިޓީގެ މިޑްފީލްޑާ ރޮޑްރީއެވެ. ރޮޑްރީގެ ލަނޑާއެކު މެޗު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެގެންނެވެ.

މެޗުން އެއްވަރުވުމާއެކު ސިޓީ ވަނީ ތާވަލުގެ ތިން ވަނައަށް ވެއްޓިފައެވެ. ދެވަނައިގައި އޮތީ ކުޅުނު 25 މެޗުން 55 ޕޮއިންޓް ލިބިފައިވާ އާސެނަލްއެވެ. ޗެލްސީ އޮތީ ކުޅުނު 25 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލުގެ ދިހަ ވަނައިގައެވެ.