އިނގިރޭސި ޕްރިމިއާ ލީގުގައި ވޫލްވްސް އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-1 އަކުން ކާމިޔާބުކޮށް ވޫލުވްސްއިން ވަރުގަދަ ޓޮޓެންހަމް ބަލިކޮށްފިއެވެ.
ޓޮޓެންހަމުގެ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ޓޮޓެންހަމުން ނިކުތްއިރު އެޓީމުން ވޫލްވްސްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް ވަނީ ނާކާމިޔާބުވެފައެވެ. މިމެޗުން މޮޅުވެގެން 2009-2010 ވަނަ އަހަރުގެ ސީޒަނަށްފަހު ޓޮޓެންހަމުގެ އަތުން ލީގުގައި ކުޅޭ ދެމެޗު ކާމިޔާބުކުރުމުގެ ފުރުސަތު ވޫލްވްސްއަށް އޮތެވެ.
ރޭގެ މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ޓޮޓެންހަމުންނެވެ. ނަމަވެސް މެޗުގައި އެންމެ ފުރަތަނަ ލީޑު ނަގާފައިވަނީ ވޫލްވްސްއިންނެވެ. މިލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮއާއޯ ގޯމޭޒެވެ. ގޯމޭޒްގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އަކުން ވޫލްވްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 40 ސިކުންތު ތެރޭގައި ޓޮޓެންހަމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑީޖަން ކުލުސުވެސްކީއެވެ. ވޫލުވްސްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރި ގޯމޭޒެވެ. ގޯމެޒުގެ ލަނޑާއެކު ވޫލްވްސް އިން ވަނީ ޓޮޓެންހަމް ބަލިކޮށް މެޗު ކާމިޔާބު ކޮށްފައެވެ.
މިލިބުނު މޮޅާއެކު ވޫލްވްސް އޮތީ ކުޅުނު 25 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ. މެޗުން ނާކާމިޔާބުވި ޓޮޓެންހަމު އޮތީ ކުޅުނު 25 މެޗުން ލިބުނު 47 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ.