ގޭގައި ކާބޯތަކެތި އުފައްދައި ވިއްކައިގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ ދަފުތަރަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.

ބީސީސީގެ މީޑިޔާ އިން "ހަލި" ނޫހަށް މައުލޫމާތު ދެމުން ބުނީ އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި އުފައްދައި ވިއްކާ މީހުން ކުރިއެރުވުމުގެ މަގުސަދުގައި އެފަރާތްތަކުގެ ދަފުތަރެއް ގާއިމުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ އުސޫލާ އެއްގޮތަށް ދަފްތަރުވުމުގެ ފުރުސަތު ހުޅުވައިލީ ކަމަށެވެ.

ބީސީސީގެ މިފުރުސަތުގައި އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން، އިކޮނިމިކް މިނިސްޓްރީގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީކުރުން ލާޒިމުނުވާ، އެކަމަކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ޤާނޫނުގެ "އެންމެ ކުދި" ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން، އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި އުފައްދާ މީހުންނަށް ދަފުތަރުގައި ރަޖިސްޓްރީވެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެގޮތުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެކަމަށް ބީސީސީ އިންކަމަށާއި ދަފުތަރުގައި ރަޖިސްޓަރީ ވެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށް ކަމަށްވެސް ބީސީސީ އިން ބުންޏެވެ.

ބީސީސީގެ އުސޫލުގައި ހިމަނާފައިވާގޮތުން ވަޒީފާގައި ބަޔަކު ނުގެންގުޅޭ އަދި މިފަދަ މީހުންނަކީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި އުފައްދައި، ސައްތައިން ސައްތަ ދިވެހިންގެ ބައިވެރިވުން އޮންނަ މިކަން ކުރާ ބަޔަކަށް ވެސް ވާން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.