ޣައްޒާގެ ޚާން ޔޫނިސް ސިޓީގެ ނާސިރު ހޮސްޕިޓަލުގައި ތިބި ބަލިމީހުން ވަނީ ސިއްހީ އެހީތެރިކަމުން މަހުރޫމްވެފައިވާ ކަމަށް ގަތަރުގެ ނޫސް އޭޖެންސީ އަލްޖަޒީރާއިން ބުނެފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން ނާސިރު ހޮސްޕިޓަލުގައި މަދުވެގެން 150 ބަލިމީހުންވަނީ އަމިއްލަފައިމައްޗަށް ނުތެދުވެވޭ ހާލަތުގައެވެ.

އަލްޖަޒީރާ ފާހަގަކުރެއްވި ގޮތުގައި މަދުވެގެން ހޮސްޕިޓަލުގެ 70 މުވައްޒަފުން އައިޑީއެފްއިން ހައްޔަރުކޮށްފައިވާއިރު ހޮސްޕިޓަލުގައި ތިބި ބަލިމީހުން ވަނީ ދޫކޮށްލާފައެވެ. މިގޮތުން ހޮސްޕިޓަލުގައި ތިބި ގިނަމީހުން އިވޭކުއޭޓުކުރި ކަމުގައިވިޔަސް އޭގެ ތެރެއިން ބައެއް މީހުން ހޮސްޕިޓަލުގައި މަޑުކުރަން ޖެހުނެވެ. މިއީ ޑައިލިސިސް ހަދައިގެން ތިބި މީހުންނާއި އިންޓެންސިވް ކެއާގައި ތިބި މީހުންނެވެ.

އޭގެ ތެރެއިން މަދުވެގެން ހަތަރު މީހަކު މަރުވެފައިވަނީ ކަރަންޓާއި އޮކްސިޖަން ސަޕްލައި ބަންދުކޮށްފައި އޮތުމުން، ތިން ކުޑަކުދިން ހިމެނޭ ގޮތަށް އިތުރު ހަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ އެވެ.

ފެބްރުއަރީ 15 ވަނަ ދުވަހު އިޒްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ ޣައްޒާގެ ނާސިރު ހޮސްޕިޓަލު ހިފުމަށް އޮޕަރޭޝަނެއް ފަށާނެކަން އިއުލާންކޮށްފަ އެވެ..