ގޭގައި އުފައްދާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯގެ ސަބަބުން ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަަ ލޯގޯ އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭ އިން ވަނީ ވަކި ހާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައެވެ. "ހޯމް ބޭސްޑް ފުޑް ޕްރޮޑިއުސަރ ލޯގޯ" ނަމުގައި އިފްތިތާޙުކުރި މި ލޯގޯ އަކީ އެމިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ދިނުމަށް ހާއްސަކޮށްފައިވާ ލޯގޯ އެކެވެ. ލޯގޯ އިފްތިތާހުކޮށްފައި ވަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން އިސްނަގައިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާ ގުޅިގެންނެވެ.

ލޯގޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިލޯގޯއަކީ ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެއްކަމަށެވެ.

"މިލޯގޯގެ އަސްލު މަޤްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އެކަން އިތުރަށް މަގުފަހިކޮށްދިނުމަށްޓަކައި، މިހާރު ހެދިފައިވާ ބައެއް ގަވާއިދުތަކުގެ ސަބަބުން ކުރިއަށް ދިޔުމުގެ ފުރުސަތު ހަނިވެފައިވާތީ، އެކަން ފުޅާކޮށްދިނުމަށްޓަކައި އެކުލަވާލެވިގެންދިޔަ މިންގަނޑެއް،" ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ- ރައީސްއޮފީސްސާޖިދާ ވިދާޅުވީ މިލޯގޯ ދިނުމަށް ޚާއްސަ މިންގަނޑެއް ކަނޑައަޅާފައިވާނެ ކަމަށެވެ. މިލޯގޯގެ ސަބަބުން އިތުރު މަންފާއެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން އަބަދުވެސް ގުޅިފައިވަނީ ހަމައެކަނި ޞިއްޙަތާއި ނޫން ކަމަށާއި، ވިޔަފާރިއެއް ފަހިވެގެންދާނެ މުހިންމު އަސާސެއްކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާވަނީ ބީސީސީން މިފަދަ ލޯގޯއެއް ތައާރަފްކުރުމުގައި އެމްއެފްޑީއޭއާއި ހެލްތު މިނިސްޓްރީ ބައިވެރިކުރެއްވިކަމަށްޓަކައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ބީސީސީ އިން ދެކޭގޮތުގައި އާމްދަނީ ހޯދަން ގޭގައި އުފައްދާ މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުވުމަކީ އާންމު ޞިއްޙަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެންކަމަށްވުމުން އެކޯޕަރޭޝަނުން ދެކޭ ގޮތުގައި މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި އުފެއްދުމަކީ އާންމު ޞިއްޙަތު ރައްކާތެރިކުރަން އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.

މިލޯގޯއާ ގުޅިގެން ބީސީސީ އިން ވަނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރު ކުރުމުގެ އުސޫލެއްވެސް އެކުލަވާލާފައި ކަމަށް ބީސީސީ އިން "ހަލި" ނޫހަށް ދިން މައުލޫމާތުގައި ބުނެފައިވެއެވެ. ހަމަމިއާއެކު އާމްދަނީ ހޯދުމަށް ގޭގެއި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ މި ލޯގޯ ހޯދަން އެދި ހުށަހަޅަން ޖެހެނީ ދިރިތި ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބީސީސީ އިން ވަނީ ބުނެފައެވެ.