އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒެވެ.

މިރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސް މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމުގައެވެ. ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބްރިޖާއެކު އައްޑޫ ސިޓީގެ އިޤުތިޞާދަށް ކުރިއެރުން ލިބިގެންދިއުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަނީ މި މަޝްރޫއަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މިއީ އެމަނިކުފާނު ވަޢުދު ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަން ފާހަގަކުރައްވައި ބްރިޖުގެ ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތަކީ އެއީ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދަ އަރަބް ކޮންޓްރެކްޓަރސް އާއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. ދަ އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑު މެންބަރު، އިންޖިނިއަރ ހެބާ އަހުމަދު އަބޫ ލައިލާ އެވެ.