ފްރެޑްރިކް ލޭންގބްރިޖް (Frederick Langbridge) އަކީ އިނގިރޭސި ޅެންވެރިއެކެވެ. އޭނާ އުފަންވެ ވަޑައިގަތީ 1849 ވަނަ އަހަރު އެވެ. އަވަހާރަވީ 1923 ވަނަ އަހަރު އެވެ. އޭނާ ހައްދަވައިފައިވާ ޅެން ބައިތެއްގައި ވެ އެވެ. “ދެ މީހަކު ދަނގަނޑު ތޭރިތަކުގެ ތެރެއިން ބޭރު ބަލަނީ އެވެ. އެކަކަށް ފެންނަނީ ކިސަޑެވެ. އަނެކަކަށް ފެންނަނީ ތަރި އެވެ.”

Two men look out through the same bars, one sees the mud and one the stars.

މި ވާހަކަ ފާރިސީ ޅެންވެރިއަކު މިއަށްވުރެ މާ ރިތިކޮށް ވިދާޅު ވެފައި ވެއެވެ. އޭނާގެ ޅެން ބައިތެއްގައި ވެއެވެ. އަހަރެންނާއި ކަލެއާ ދެމެދު ހުރީ ހަމައެކަނި އަޑު އަހާ ގޮތުގެ ތަފާތެކެވެ. އަޑެއް އިވެނީ އެވެ. ކަލެއަށް ގަބޫލު ކުރެވުނު ގޮތުގައި އެއީ ދޮރެއް ލެއްޕުނު އަޑެވެ. އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި އެއީ ދޮރެއް ހުޅުވުނު އަޑެވެ.

ގަސްގަހުގައި މާ މަލާއެކު ކަށިވެސް ހުރެ އެވެ. އިންސާނީ މުޖުތަމަޢުގެ ކަންތައް ހުރި ގޮތަކީ ވެސް މިއީ އެވެ. މުޖުތަމަޢުގެ ޙާލާތު ބައެއް ފަހަރަށް ހިތް ހަމަ ނުޖެހޭ ކަހަލަ ގޮތަކަށް އޮތް ނަމަވެސް ހަމަ އެ މުޖުތަމަޢުގައި ހިތް ހަމަ ޖެހޭ ކަހަލަ އެތައް ކަމެއް ހުރުމަކީ ގަބޫލު ކުރަން ޖެހޭ ޙަޤީޤަތެކެވެ. ކަންތައްތައް މަތި މަތިން ދެކޭ މީހަކަށް ފެންނާނީ ކޮންމެ ކަމެއްގެ ވެސް ބޭރު ފުށެވެ. އެ ކަމަކާ މެދު ފުންކޮށް ވިސްނުމަކީ އެ ފަދަ މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ފުން ނަޒަރަކުން ކަންތައްތައް ދެކޭ މީހަކަށް ވަރަށް ދުރު ފެންނާނެ އެވެ. ކަމެއްގައި އެކުލެވިފައިވާ ހިތް ހަމަ ނުޖެހޭ ކަންތައްތަކުގެ އިތުރަށް ހަމަ އެކަމެއްގައި އެކުލެވިފައިވާ ހިތް ހަމަ ޖެހޭ ކަންތައްތައް އޭނާ އަށް ފެންނާނެ އެވެ.

މި ދުނިޔޭގައި ކިސަޑުވެސް ހުރެ އެވެ. ހަމަ އެހެންމެ ތަރިވެސް ހުރެ އެވެ. އެ މީހަކަށް ފެންނަ އެއްޗެއް ބިނާ ވެފައި އޮންނާނީ ބަލާ ގޮތެއްގެ މައްޗަށެވެ. އިވޭ އަޑަކީ އެއް އަޑެކެވެ. ވިސްނުން ކޮށި މީހާ ދެކެނީ އެއީ ދޮރެއް ލެއްޕުނު އަޑު ކަމަށެވެ. އެކަމަކު ވިސްނުންތެރި މީހާ ދެކެނީ އޭނާ އަށްޓަކައި ދޮރެއް ހުޅުވުނީ ކަމަށެވެ.

ހުރިހައި މައްސަލައެއް އުފަން ވަނީ ސިކުނޑީގަ އެވެ. އެ މައްސަލަތައް ނިންމޭނީ ވެސް ސިކުނޑީގަ އެވެ. އެކަމަކު އިންސާނާގެ ކިބައިގައި ހެޔޮ ވިސްނުމުގެ ގާބިލިއްޔަތު ހުރުމަކީ ޝަރުޠެކެވެ.

ޙަޤީޤަތުގައި މި ދުނިޔެއަކީ ވިސްނުމުގެ ނުވަތަ ބުއްދީގެ އިމްތިޙާނެކެވެ. ކުރިއަށް ދިއުމުގެ މަގު ތަނަވަސް ވާނީ ހެޔޮ ބުއްދީގެ ބޭނުން ކުރާ މީހަކަށެވެ. ހެޔޮ ވިސްނުމުގެ ބޭނުން ނުކުރާ މީހަކަށް އޮންނާނީ ބަރުބާދީ ފިޔަވައި އެހެން އެއްޗެއް ނޫނެވެ.

ކަނޑުގައި ރާޅު އުފެދެ އެވެ. ކަނޑުގެ ރާޅުތަކާއި ޠޫފާނާ ކުރިމަތި ލުމަކީ ކަނޑަށް ނުކުމެ އޮޑި ދޯނި ފަހަރު ދުއްވާ މީހުންނަށް މަޖުބޫރު ވެފައިވާ ކަމެކެވެ. ދުއްވާ އެއްޗެއް މަންޒިލާ ހަމައަށް ގެންދެވޭނީ މި ފަދައިން ކަންތައް ކޮށްގެންނެވެ. ޖަންގަލީގައި ބޮޑެތި ގަސް ގަސް ހުރެ އެވެ. މިނިކާ ޖަނަވާރު ހުރެ އެވެ. ޖަންގަލީގައި އުޅޭ ޖަނަވާރަށް މަޖުބޫރު ވެފައި ވަނީ ކަށިތަކުން ފުރިފައިވާ ގަސްތަކާއި ދެކޮޅުވެރި އެހެން ޖަނަވާރުތަކުގެ ތެރޭގައި ދިރިއުޅުން ވޭތު ކުރާށެވެ.

އިންސާނީ މުޖުތަމަޢުގެ ކަންތައް ވެސް ހުރީ މި ފަދަ ގޮތަކަށެވެ. އިންސާނުންގެ ތެރޭގައި ވެސް ތަފާތު އެތައް ވައްތަރެއްގެ ބަޔަކު އުޅެ އެވެ. އެކެއްގެ މަޞްލަޙަތާއި އަނެކެއްގެ މަޞްލަޙަތާ ފުށު އަރާ ގޮތް ވެއެވެ. ތަފާތު އެތައް ސަބަބެއް މެދުވެރި ވެގެން އެކަކު އަނެކަކާ ދެމެދު ހިތް ހަމަ ނުޖެހުމާއި ރުޅިވެރިކަން އުފެދޭ ގޮތް މެދުވެރި ވެއެވެ. އެކަކު އަނެކަކަށް ތަފާތު ކުރުމާއި މޮޅު މީހުންނާއި ދެރަ މީހުން ތަފާތު ކުރުމުގެ ކަންތައްތައް މުޖުތަމަޢުން ފިލައިގެންނެއް ނުދާނެ އެވެ. އެކަންތައްތައް މިހާރު އޮތް ގޮތަށް ފަހުން ވެސް އޮންނާނެ އެވެ.

މި ފަދަ ޙާލަތެއްގައި އިންސާނާގެ ދިރިއުޅުން ކާމިޔާބު ކުރަން އޮންނާނީ ހަމަ އެންމެ ގޮތެކެވެ. އެއީ “އެހެން ނަމަވެސް” ގެ ސިޔާސަތަށް ދިރިއުޅުން ފެއްތުމެވެ. ތަފާތުތައް ހުރުމާއެކު ވެސް އެހެން މީސް މީހުން ތިމާގެ ކޮޅަށް އަނބުރައިލުމުގެ ގާބިލުކަން ތިމާގެ ކިބައިގައި އުފެއްދުމެވެ. ހިތް ހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމާއެކުވެސް ހިތް ހަމަ ޖެހޭ، އުފާވެރި ދިރިއުޅުމެއް ވޭތު ކުރާން ދަސް ކުރުމެވެ. ތިމާ އާ ދެކޮޅަށް ޢަދާވާތްތެރިކަމާއި ހަސަދަވެރިކަމާއި ނުބައި ރޭވުމުގެ ޠޫފާނެއް އުފެދުނަސް އެ ހުރިހައި ކަމެއް ބަދަލުވެ ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނޭ ކަމުގެ ޔަގީން ކަމުގައި ދިރިއުޅުން ކުރިއަށް ގެންދިއުމެވެ.

މި ދުނިޔޭގައި އިންސާނާ އަށް ޖެހިފައި ވަނީ މަލާ އެކު ކަށި ހުރި ކަމުގައި ވިޔަސް، އެ ކަށިން ސަލާމަތް ވެގެން މަލާ ހަމައަށް އަތް ފޯރާ ގޮތް ހަދާށެވެ. އެކި ކަހަލަ ޖަރާސީމާއި ބަލިބަލީގެ ތެރޭގައި އުޅޭ އިރުވެސް ތިމާގެ ޞިއްޙަތު ދުޅަހެއު ޙާލަތެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރަން އިންސާނާ އަށް ވަނީ ޖެހިފަ އެވެ. އެހެންވީމާ ހިތް ހަމަ ނުޖެހޭ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނީމާ އުއްމީދު ކަނޑައިލުމަކީ އެކަކުވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެ ފަދަ ކަމެއް މެދުވެރި ވިޔަސް މާޔޫސް ވެގެން ނުވާނެ އެވެ. ޝަކުވާ ކުރުމާއި ދެކޮޅު ހެދުމުގައި ތިމާގެ ވަގުތު ނަގާލައިގެން ނުވާނެ އެވެ. ދިރިއުޅެން ޖެހެނީ ތިމާއަށް ބަދަލު ނުކުރެވޭ ފަދަ ކަންތައްތައް ހުންނާނޭ ކަން ދަނެގެންނެވެ. ދިރިއުޅުމުގެ ދަތުރުގެ މަގުމަތީގައި ހުންނަ ހުރަސްތައް ގިރާ ކުރަމުން ކުރިއަށް ދާން ދަސް ކުރަން ވީއެވެ. އެހެން މީސް މީހުންގެ ފަރާތުން ދިމާވާ ހިތް ހަމަ ނުޖެހޭ ކަންތައްތަކާ ހެދި އަރައިރުން ވުމުގެ ބަދަލުގައި އެ ކަންތައްތަކާ ކުރިމަތިލައި މައްސަލަ ޙައްލު ކުރެވޭނޭ ތަދުބީރެއް ހޯދުމުގެ މަސައްކަތް ކުރަންވީ އެވެ. މަދުން ލިބުނަސް ހިތް ހަމަ ޖައްސާލައިގެން ހުންނަން ވީއެވެ. ފަހުން ގިނައިން ލިބޭނޭ ކަމުގެ އުއްމީދު ކުރަން ވީއެވެ. ދެކޮޅުވެރިކަމަށް ކެތްތެރި ވާންވީ އެވެ. މިއަދުގެ ހަތުރުން މާދަމާގެ މިތުރުންނަށް ވެދާނެކަން ހަނދާނުން ފޮހެވިޔަ ނުދޭން ވީއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)