ދިވެހީންނަކީ، ޤައުމުދެކެ ލޯބިވާ ޤައުމީ ރޫޙު ވަރުގަދަ ބައެއްކަން ތާރީޚްގެ ސަފުހާތަކުން އޮޅުމެއްނެތި ހާމަވެފައިވެއެވެ. ދިވެހީންގެ ނާރުތަކުގައި ހިނގަމުންދާ ހޫނު ލޭގައި ދައުރުވަމުންދަނީ “ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރިންގެ ރީތި ނަން ” ދަމަހައްޓައިދިން ޤައުމީ ބަޠަލުންގެ ހިތްވަރާއި ފަންވަރު އެކުލެވިފައިވާ ދިވެހިވަންތަކަމާއި އިސްލާމީވަންތަކަމުގެ ތާޒާ ރޫޙެވެ.

ދިވެހީންގެ ކޮންމެ ޤައުމީ ޖިހާދެއް ގުޅިފައިވަނީ، ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބެވުމުގެ ޙަޤީޤީ އަޞްލުކަމުގައިވާ މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާއެވެ. އެދީނާމެދު ދިވެހީންގެ ހިތްތަކުގައި އުފެދިވާ ލޯތްބާއި ޢަޤީދާގެ ވަރުގަދަކަމާއެވެ.

ދިވެހިރާއްޖެއަކީ، ކިތަންމެ ކުޑަ ޤައުމަކަށް ވިޔަސް ދުނިޔޭގެ އޮޔާއިވައިގެ އަސަރު މިޤައުމަށްވެސް ކުރަމުން ދާކަމީ ޒަމާނުއްސުރެ ފެންނަމުން ގޮސްފައިވާ ޙަޤީޤަތެކެވެ. މިޤައުމުގެ އަގުތަކަށް ދަހިވެތިވެފައިވާ އެތައްބަޔަކު ފާޅުކަންބޮޑު ގޮތެއްގައި ފެނި ހާމަވެފައިވެއެވެ. އެގޮތުން ހިޖްރައިން 965 ވަނަ އަހަރު ޕޯޗުގީޒުންގެ ލަޝްކަރެއް ރާއްޖެއައިސް އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާނު ޢަލީ (6 ވަނަ) ޝަހީދުކޮށްލުމަށްފަހު ދިވެހީންގެ މިނިވަންކަން ފޭރިގަނެ 15 ވަރަކަށް އަހަރު، މިލޮބުވެތި ފަސްގަނޑުގައި ޚުދުމުޚްތާރު ވެރިކަމެއް ހިންގާފައިވެއެވެ. މިއީ، ތާރީޚުގައި ލިޔެވިފައިވާ މިފަދަ ފުރަތަމަ ހާދިސާކަމުގައި ވިޔަސް މިފަދަ ހާދިސާތަކެއް ކުރިންވެސް ހިނގާފައިވުމަކީ އެކަށީގެންވެއެވެ.

ކޮންމެއަކަސް ޕޯޗުގީޒުން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިވެ ދިވެހީންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ފޭރިގަތުމަށް ހިންގަމުން ގެންދިޔަ ރަޙުމުކުޑަ ހަޑިހުތުރު ޢަމަލުތަކާމެދު ދިވެހީންތިބީ ޣާފިލުވެ ނިދާފައެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ސަލާމަތުގެ އައްސޭރިއަކަށް ދެވޭނޭ މަގެއް އޮތްތޯ ގެންދިޔައީ ވިސްނާ ފިކުރު ކުރަމުންނެވެ. މިކަމުގެ އެންމެބޮޑު ރޭވުން ރޭވެމުންދިޔައީ ތިލަދުންމަތީ އުތީމުގައެވެ. ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ތަކުރުފާނުގެ ޚިކުމަތްތެރިކަމުގެ ދަށުންނެވެ. ނަތީޖާއަކަށްވީ، ރޭވުންތެރިކަމުގެ ފުރިހަމަ ނަމޫނާއަކާއެކު ޖިހާދު ކުރައްވައި އެދުވަސްވަރުގެ “ކަނޑުގެ ބާޒު” ގެ މައްޗަށް ނަޞްރު ހޯއްދެވުމެވެ. “ދެހާޖީންނާއި ދަނޑެހެލާ ގޮވައިގެން އޭގެ ތިން ބަޠަލުން” ޤައުމީ ލޯބީގެ މިސާލެއް ދެއްކެވުމެވެ.

މިއަދު، ދިވެހީންގެ ޤައުމީ ދުވަހެއްގެ ގޮތުގައި ފަޚުރުވެރިކަމާއެކު ފާހަގަ ކުރަމުން މިގެންދަނީ އެތާރީޚީ މުނާސަބަތެވެ. ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ 1 ވަނަ ދުވަހު ޤައުމަށް ލިބުނު މިނިވަންކަމުގެ އުފަލެވެ. ޤައުމިއްޔަތާމެދު ފަޚުރުވެރިވެ، ޤައުމާމެދު ވިސްނާ ފިކުރު ހިންގުމުގެ ދުވަހެއްގެ ގޮތުގައެވެ. ޤައުމީ އަގުތައް ވަޒަންކުރުމުގެ ދުވަހެއްގެ ގޮތުގައެވެ.

މިއަހަރު އަޅުގަނޑުމެން މިފާހަގަ ކުރަނީ އެދުވަހު ބިންގާއެޅުނު ޤައުމިއްޔަތުގެ އާބިނާއަށް 454 އަހަރު ފުރުނު މުނާސަބަތެވެ. ނަމަވެސް ރަސްމީކޮށް ޤައުމީ ދުވަހެއް ފާހަގަ ކުރަން ފެށުނުތާ މިވީ 70 އަހަރެވެ. އެއީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ދިވެހި ޤައުމު ހިންގަވަމުން ގެންދެވި ދުވަސްވަރު އުފެއްދެވި ޤައުމީ ރޫޙުގައި ފުރަތަމަ ފަހަރަށް ޤައުމީ ދުވަހެއް ފާހަގަ ކުރެވުނު ފަހުން މިވީ 70 އަހަރުކަމަށްވާތީއެވެ. މުޙައްމަދު އަމީނުގެ ދުވަސްވަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހު ފާހަގަ ކުރައްވަމުން ގެންދެވި، ޤައުމީ ދުވަސް ފާހަގަ ނުކުރެވި ދުވަސްތަކެއް ދިޔުމަށްފަހު ދެން ފާހަގަކުރެވެމުންދިޔައީ މިނިވަންދުވަހާއި ޤައުމީ ދުވަސް އެއް ދުވަހެއްގެ ގޮތުގައެވެ. މިނިވަންކަމަށް އަހަރުފުރޭ ޤައުމީ ދުވަހުގެ ގޮތުގައެވެ.

ނަމަވެސް 11 ނޮވެމްބަރ 1978 ގައި ރާއްޖޭގެ ސިޔާސީ ޒަޢާމަތަށް އައިބަދަލާއެކު، އަނެއްކާވެސް ރާއްޖޭގެ ޤައުމީ ދުވަހަކީ، ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަސްކަމުގައި ހަމަޖައްސަވައި، ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަސް، ޤައުމީ ދުވަހުގެގޮތުގައި ކުލަގަދަކޮށް ފާހަގަކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެންމެ ކުލަގަދަކޮށް ފާހަގަކުރެވެމުން ގޮސްފައިވާ ޤައުމީ އެއް މުނާސަބަތަކީ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތެވެ. ޤައުމީ ކަންކަމާމެދު ވިސްނާ ފިކުރު ކުރުމުގެ ދުވަހެއްގެ ގޮތުގައެވެ. ޤައުމީ އަގުތައް މަތިވެރިކުރުމުގެ ޚިޔާލާތު އާލާކުރާ ދުވަހެއްގެ ގޮތުގައެވެ.

ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވާ ގޮތުގައި “ރާއްޖޭގައި ދިރިއުޅޭ މީސްތަކުން ބިނާވުމަށް ދިވެހި ތާރީޚުގައި ދިމާވެފައިވަނީ މަދުފަހަރެއްގައެވެ.” ” މިގޮތުން ދިމާވި އެންމެ ޚާއްޞަ އެއްފަހަރެއްކަމުގައިވާނީ، ރާއްޖޭގެ އަހުލުވެރިތަކުން މާތްވެގެންވާ އިސްލާމް ދީން ގަބޫލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިން ކުރިމަތިލި ދައުރެވެ.” އެމަނިކުފާނު ފާހަގަ ކުރައްވާފައިވާ ފަދައިން، މިމަތިވެރި ފުރުޞަތުގެ ސަބަބުން ދިވެހިންގެ ޢަޤީދާއާއި ސަޤާފަތުގެ ކުލަތައް ބަދަލުކޮށް ދިވެހީންގެ ޤައުމިއްޔަތުގެ އާސަފުހާއެއް ފެށުނުކަން ޔަޤީނެވެ. ދިވެހީންނަށް މިނިވަންކަމާއި އަމިއްލަ ވަންތަކަމާއެކު، މިއަދާއިހަމައަށް އާދެވުމުގެ އެންމެ ބޮޑުއެއް ސިއްރަކީ، ސައްތައިން ސައްތަ އިސްލާމް ޤައުމެއްގެ ގޮތުގައި ސާބިތުވެތިބެވުމެވެ.

ޤައުމު ބިނާކުރުމަށް ދިވެހީންނަށް ލިބިގެން ދިޔަ ފުރުޞަތުތައް ފާހަގަ ކުރައްވަމުން އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވާ ގޮތުގައި “އައްސުއްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރެއްވި ފަހަރަކީވެސް ދިވެހީން އަލުން ބިނާވާން ޖެހޭނެ ފަހަރެކެވެ. އަދި މީގެ އިތުރަށްވެސް ދިވެހި ތާރީޚަށް ބަލާއިރު އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައިވެސް ދިވެހީން އަލުން ބިނާވިއެވެ. ފަހުގެ ތާރީޚުގައި އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނާއި އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޤައުމީ ޚިދުމަތުގެ ތެރޭގައިވެސް ދިވެހީން ބިނާވެފައިވާނެއެވެ.” މީގެ އީތުރުން އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި 11 ނޮވެމްބަރ 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ޙަވާލުވެވަޑައިގެން ފެއްޓެވި މަސައްކަތްޕުޅުތަކާއި 11 ނޮވެމްބަރ 2008 ގައި ރާއްޖެއަށް އައި ދީމިޤްރާޠީ ބަދަލުގެތެރޭގައި ދިވެހިންނާއި ދިވެހި ޤައުމު ބިނާވުމުގެ ފަހި ފުރުޞަތުތަކެއް ލިބިފައިވާކަމީ ދެބަސް ވެވެންނެތް ޙަޤީޤަތެކެވެ. 7 އޯގަސްޓް 2008 ގައި ރާއްޖޭގައި ޢަމަލުކުރަން ފެށުނު އާ ޤާނޫނު އަސާސީއަކީ، ހަމަހަމަކަމާއި އިންސާފާއި ކުރިއެރުމަށް ލޯބިކުރާ ބަޔަކަށް ލިބިގެން ދިޔަ އަގުބޮޑު ޖަވާހިރެކެވެ.

އެއްވެސް ބަޔަކަށް “މާބޮޑު އެއްޗެއް” ލިބިއްޖެނަމަ، ބައެއްފަހަރު އެއެއްޗެއްގެ ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެއެވެ. އެއްޗެއް ބޭނުން ކުރަންވީ ރަނގަޅުގޮތް އޮޅޭތަން އާދެއެވެ. ބޮޑެތި މާވަހަރު ހޮވޭ ބައެއް މީހުންނަށް ލިބޭ ފައިސާއަށް ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް އެފައިސާތައް ހުސްވާތަން އާދެއެވެ. ދިވެހިންނަށް ބިނާވާން މިލިބުނު ފުރުޞަތުގައިވެސް ބައެއްފަހަރަށް މިދެންނެވިހެން ވާން އުޅެނީ ބާވައޭ ހިތަށް އަރައެވެ.

މިނިވަންކަމަކީ، ނުވަތަ ޑިމޮކްރަސީއަކީ ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވުން ކަމަށް ބައެއް ފަރާތްތަކުން ދެކޭކަން އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއަދު ދިވެހީންނަށް ލިބިފައިމިވަނީ އަގުހުރި ފުރުޞަތެކެވެ. ޑިމޮކްރަސީ ހަރުދަނާކޮށް ޤައުމު ބިނާކުރުމަށް ލިބިފައިވާ މަތިވެރި ފުރުޞަތެކެވެ. މަވެތިކަމާ ދުރުހެލިވެ، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ފުރުޞަތެކެވެ.

ޝައްކެއްނެތެވެ. ދިވެހީން ބިނާވުމަށް ލިބިގެންދާ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަމުން ގެންދިޔުމަކީ، ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިއެއްގެ އިސް ވާޖިބެކެވެ. އެގޮތުން ޤައުމީ ދުވަހެއް ފާހަގަ ކުރަމުންދާއިރު މިކަންކަމާމެދު އިތުރަށް ވިސްނާލަންޖެހެއެވެ. ޤައުމާމެދު ފަޚުރުވެރިވުމުގެ ރޫޙު އާލާކުރުމަށެވެ. ޤައުމީ ބަޠަލުންގެ އަގުހުރި މަސައްކަތްޕުޅުތަކުން ފިލާވަޅު ލިބިގަތުމަށެވެ. މާޒީގެ ސަފުތާތަކުން ޢިބްރަތް ޙާޞިލުކުރުމަށެވެ. ޤައުމުގެ މިއަދާއި މާދަމައަށްޓަކައި ފަޚުރުވެރިވެ، ޤައުމުދެކެ ލޯބިވާ ޒުވާން ޖީލެއް އުފެއްދުމަށެވެ.

ދިވެހީންނަކީ، ޒަމާނުއްސުރެ އަމިއްލަވަންތަކަމަށް ލޯބިކުރާ އަމިއްލަވަންތަ ބަހާތަކެއްގެ މަތީގައި ސާބިތުވެ ތިބިބައެކެވެ. ބަސްމޮށެ އުޅުމަށްޓަކައި އަމިއްލަ ބަހަކާއި ލިޔެކިޔުމަށްޓަކައި އަމިއްލަ އަކުރެއް ލިބިފައިވާ ބައެކެވެ. ޤައުމީ ގޮތުން ބަލާއިރު ދުނިޔޭގެ އެހެން ޤައުމުތަކާއި މުޅިން ތަފާތު ޝަޚްޞިއްޔަތެއް ލިބިފައިވާ ބައެކެވެ.

އަޅުގަނޑުމެންނަށް ލިބިފައިމިވާ އަމިއްލަ ވަންތަ ޝަޚްޞިއްޔަތު ދަމަހައްޓާ އާލާކުރުމަކީ، އިސްވެދިޔަ ޖީލުތަކުގެ ދަރިން ފަދައިން މިޖީލުގެ ދަރިންގެ މައްޗަށްވެސްއޮތް ޤައުމީ ވާޖިބެކެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމު މިވަނީ މުޅި ދުނިޔެއަށް ހުޅުވައިލެވިފައެވެ. ޒަމާނީ ތަރައްޤީއާއެކު، ދުނިޔޭގައި ޖެހެމުންދާ ހުރިހާ ކުލަތަކެއް މިދިވެހި ފަސްގަނޑުގައިވެސް މިދަނީ ޖެހެމުންނެވެ. އެކުލަތަކުގެތެރޭގައި ބަލައިލަން ލޮލަށް ފަސޭހަ ރީތި ކުލަތަކާއި، ލަދުން ލޯމަރާލަން ޖެހޭފަދަ ކުލަތައްވެސް މިދަނީ ފެންނަމުންނެވެ.

އެހެންކަމަށްވުމާއެކު ޤައުމީ ދުވަހެއް ފާހަގަ ކުރެވޭ މިފަދަ މުނާސަބަތެއްގައި ދިވެހި ކޮންމެ ފަރުދަކު، އެފަރުދެއްގެ ޤައުމީ ވާޖިބަށް، ޤައުމީ ޒިންމާއަށް، ތެދުވެރިވެ، ރަނގަޅު ކަންކަން ބަލައިގަނެ، ރަނގަޅުނޫން ކޮންމެ ކަމަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަންނަން ޖެހޭނެއެވެ. ވާދަވެރިކަމާއި ތިމާ ގަބޫލުކުރާގޮތް ހާމަކުރުމުގައި އަމިއްލަ ނަފުސަށްވުރެ ބޮޑަށް ޤައުމީ މަޞްލަޙަތަށް އިސްކަން ދޭންޖެހޭނެއެވެ. ކޮންމެ ދިވެހި ދަރިޔަކުވެސް ޤައުމުގެ އަގު މަތިވެރިކުރަންޖެހޭނެއެވެ. ޤައުމީ ކުލަތަކަށް ލޯބިކުރަންޖެހޭނެއެވެ. ޤައުމީ ދިދައަށްޓަކައި ފަޚުރުވެރިވާން ޖެހޭނެއެވެ. ޤައުމީ ދިދައިގެ މައްޗަށް، ޤައުމީ ދިދައަށްވުރެ އުހަށް، އެހެން އެއްވެސް ދިދައެއް އުފުލުމުގެ ފުރުޞަތު ދީގެންނުވާނެއެވެ. ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެންމެ އުހުގައެވެ. ޤައުމީ ލޯބި އޮންނަންވާނީ ހިތުގެ އެންމެ އަޑީގައެވެ. ދުވަހަކުވެސް ބަދަލެއް އައުމެއް ނެތިއެވެ.

ދިވެއްސަކަށްވީތީ ފަޚުރުވެރިވާއިރު، ދިވެއްސަކަށްވެވެނީ، މުސްލިމަކަށްވެގެންކަން ހަނދާންކުރަންޖެހެއެވެ. މިނިވަން ޚިޔާލާއި ޒަމާނީ ތަރައްޤީއާއެކު، އަޅުގަނޑުމެންގެ ދުވަސްތައް ގުނަމުން ގެންދަންޖެހޭނީ، މުސްލިމުންގެގޮތުގައި ތިބެގެންނެވެ. ދިވެހީންގެ ގޮތުގައި ތިބެގެންނެވެ. އަޅުގަނޑުމެންގެ ކާބަފައިން ވާރުތަކޮށްދެއްވާފައިމިވާ، ޤައުމީ ލޯބީގެ އަގު އެހެން ހުރިހާ އެއްޗަކާއި ކަމަކަށްވުރެ ބޮޑުކަމުގައި ދެކިގެންނެވެ. “ޙުއްބުލްވަޠަންގެ ސިފަތަކުން” ހިތްތައް ފުރާލައިގެންނެވެ. “ލައްބައިކައޭ” ބުނެ ޤުރުބާންވާން ތައްޔާރުވެގެންނެވެ.