ސ. މަރަދޫގައި ހުރި ގެއެއްގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސ. މަރަދޫ އެތުމާގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައިކަމަށް މޯލްޑީވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 5:46 ގައި ކަމަށެވެ. އެމްއެންޑީއެފްގެ އޮފިސަރުން ވަގުތުން އެތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވާ ގޮތުގައި ގާތްގަނޑަކަށް އެއް ގަޑިއިރުގެ މަސައްކަތަކަށްފަހު އަލިފާން ވަނީ ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.