މި ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ މެގަ ޕްރޮޖެކްޓް، ރަސްމާލެ ހިއްކުމަށް 2 ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ އެންވަަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދީފިއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ހުއްދަދިން އެއް ސަރަހައްދަކީ މަޝްހޫރު އިތާފުށި ރެޒޯޓް އޮތް ސަރަހައްދުންނެވެ. ދެން ވެލިނަގަން ހުއްދަ ދިނީ މާފުށީގެ ހުޅަނގުން އޮތް ސަރަހައްދަކުންނެވެ. މި ދެ ސަރަހައްދުންވެސް ވެލިނަގަން އީޕީއޭއިން ހުއްދަ ދީފައި ވަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

މި ދެ ސަރަހައްދުން ނަގާނީ 562 ހެކްޓަރު ހިއްކުމަށް ބޭނުންވާ ވެންޔެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ހަވާލު ކޮށްފައި ވަނީ އިންޑިޔާގެ މޯހަން މުތާ އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ.

ރަސްމާލެ ތަރައްގީ ކުރުމަށް ބޭނުންވާ 1153 ހެކްޓަރުގެ ބިން 10 މަހުން ހިއްކުމަށް އަމާޒުކޮށްގެން ސަރުކާރުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ ރަސްމާލޭގައި 65،000 ހައުސިން ޔުނިޓް އަޅައި، މާލެ ސަރަހައްދަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމެވެ.