ވާދަވެރި ޖަޕާން 0-1 އިން ބަލިކޮށް ކިމް ޖޮން އުންގެ އުތުރު ކޮރެއާއިން 20 އަހަރުން ދަށުގެ އަންހެނުންގެ ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ އުތުރު ކޮރެެއާއިން 20 އަހަރުން ދަށުގެ އަންހެނުންގެ ވަރލްޑް ކަޕް ކާމިޔާބު ކުރި 3 ވަނަ ފަހަރެވެ. އުތުރު ކޮރެއާގެ އިތުރުން މިއަދަށް ވިހި އަހަރުން ދަށުގެ އަންހެނުންގެ ވަރލްޑް ކަޕް ކާމިޔާބު ކޮށްފައިވަނީ ހަމައެކަނި ޖަރުމަނާއި އެމެރިކާއެވެ.

ޖަޕާން ކޮޅަށް އުތުރު ކޮރެއާގެ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި 17 އަހަރުގެ ފޯވާޑް ޗޮއެލް ސަންއެވެ. ޗޮއެލް ވަނީ މުބާރާތުގެ ރަންބޫޓްވެސް ހާސިލް ކޮށްފައެވެ.

ކޮލަމްބިއާގައި ކުރިއަށް ދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން އުތުރު ކޮރެއާއިން ހޯދީ ބައްދަލު ކުރަން ޖެހުނު ކޮންމެ ގައުމެއް ބަލިކޮށްފައިކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

ހުދުމުހުތާރު ސަރުކާރެއް އޮންނަ ކަމަށް މަޝްހޫރު އުތުރު ކޮރެއާގެ އަންހެން ފުޓްބޯޅައަކީ އެގައުމުގެ ފިރިހެން ފުޓްބޯޅައާ ޚިލާފަށް ދުނިޔޭގެ ނަން ހިނގާ ވަރުގަދަ ބާރެކެވެ.

އަންހެން ފުޓްބޯޅައިގެ ފީފާ ރޭންކިންގައި އުތުރު ކޮރެއާ އޮތީ މަޝްހޫރު ފްރާންސާއި އޮސްޓްރޭލިޔާއަށް ވުރެ ކުރީ (ރޭންކިންގެ 11 ވަަނަ) ގައެވެ. އުތުރު ކޮރެއާގެ އަންހެން ގައުމީ ޓީމުން 3 ފަހަރު އޭޝިޔަން ކަޕް، އޭޝިޔަން ގޭމްސް އަދި އީސްޓް އޭޝިޔަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.