ރާއްޖޭގައި ޕެޓްސްގެ ގޮތުގައި ޖަނަވާރު ގެންގުޅުމާ ގުޅޭ ޤާނޫނެއްގެ ބިލް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޢާއިޝަތު ރަމީލާ ހާމަކުރައްވައިފިއެވެ. ޤާނޫނު ތަންފީޒުވުމާއެކު، ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓަރީކުރެވި، އެތަކެއްޗަށް ޓެގު ހަރުކުރެވިގެންދާނެކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ވަޒީރު ރަމީލާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޕެޓުގެ ގޮތުގައި ޖަނަވާރު ގެންގުޅެވޭނީ ރަޖިސްޓަރީކޮށްގެން ކަމަށް ކަނޑައެޅުމަށްޓަކައި އެކުލަވާލެވުނު މި ޤާނޫނުގެ ބިލު މިހާރު ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ. މީގެ ކުރިން މިފަދަ ޤާނޫނެއް ވުޖޫދުގައި ނެތުމުން، މި މަސައްކަތް ނިންމާލެވުނުކަމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ޤާނޫނު ތަސްދީޤުވުމުން، ޕެޓުގެ ގޮތުގައި ގެންގުޅޭ ދިރޭ ތަކެތީގެ ޞިއްޙަތާ ގުޅޭ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ޤާނޫނުގެ ސަބަބުން ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް މަގުމަތީގައި ގިނަވެއްޖެނަމަ، އޭގެ ވެރިފަރާތް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށާއި، އަދި މި ޖަނަވާރުތަކަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާދިނުމަށް ރަނގަޅު ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.