އައްޑޫސިޓީ ހުޅުދޫ މީދޫ ބްރިޖާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާއި އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އައްޑޫސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ހިތުގެ އިހުލާސްތެރިކަމާއެކު އެކަމެއް ފުއްދަވަންކަމުގައި ވިދާޅުވިއެވެ. އަދި ރައީސް ވަނީ ހުޅުދޫ މީދޫގެ ސިއްހީ މަރުކަޒުވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެކަމަށާއި ހަމަ އެހެންމެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެވެސް ހިދުމަތްތައް ފުޅާކޮށް ސއްހީ ހިދުމަތް ހޯދުމަށް މާލެދާން ނުޖެހޭނެ ފެންވަރަށް ބަދަލު ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބިން ހިއްކުމާއި މަގުހެދުމާއި އަދި އެނޫންވެސް ހުޅުދޫ މީދޫ އަދި މުޅި އައްޑޫސިޓީއަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.