ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ފައިލޭރިއާ ސްކްރީނިންގ ޕްރޮގަރާމް 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުން ފެށިގެން ނ. ކުޑަފަރީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ކުޑަފަރީ ކައުންސިލުން މިހެން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އާންމު އިއުލާނެއްގައެވެ.

މި އިއުލާނުގައި އެ މަރުކަޒުން އިތުރަށް ބުނެފައިވަނީ މި ސްކްރީނިންގައި ބައިވެރިކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް، ގުރުއަތުން ހޮވާލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީންކަމަށެވެ. އަދި ފައިލޭރީއާ އަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެން ކަމަށާއި މި ޓެސްޓްގެ ނަތީޖާ 10-15 މިނެޓް ތެރޭގައި ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ޓެސްޓް ހެދުމަށްފަހު ޕޮޒިޓްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ސިއްހީ ހިދުމަތްތެރިންގެ ބެލުމުގެ ދަށުން ދެވޭކަމަށާއި މި ބޭސް ކާންޖެހޭނީ އެއްފަހަރު ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ. އަދި ދިޕޮޒިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު، އެމީހުންގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުން ހުއްޓުވޭނެ ކަމަށްވެސް ކުޑަފަރީ ސިއްހީ މަރުކަޒުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އެ މަރުކަޒުން ބުނެފައިވާގޮތުގައި އެސްކްރީނިންގައި ބައިވެރިވުމަށް ދިވެހީން މަރުކަޒަށް އަންނަންޖެހޭ ގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި 17:00 ދެމެދުއެވެ. އަދި ބިދޭސީން ޓެސްޓް ކުރުމަށް މަރުކަޒަށް އަންނަންޖެހޭ ގަޑިއަކީ އަންނަ ހުކުރު ދުވަހުގެ މެންދުރު 14:00 އާއި 17:00 ދެމެދުއެވެ.

އެސްކްރީނިންގައި ބައިވެރިވެވޭނީ ގުރުއަތުން ހޮވޭ ގެތަކުގެ ބޭފުޅުންނެވެ. އަދި ބިދޭސީންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ސްކްރީނިންގ ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާ މުއާމަލާތުކުރާނެ ކަމަށްވެސް ކުޑަފަރީ ސިއްހީ މަރުކަޒުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.