ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށާއި ވަފުދަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ޑރ މުއިއްޒުގެ މިދަތުރުފުޅަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ޙާލަތު ވީހާވެސް ގާތުން ބެއްލެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

ރައީސްގެ ހުވަދޫ މި ދަތުރުފުޅުގައި ގދ. އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވާނެއެވެ.

އެގޮތުން ގދ. ފަރެސްމާތޮޑާ، ފިޔޯރީ، މަޑަވެލި، ތިނަދޫ އަދި ގައްދޫއަށް ވަޑައިގަންނަވައެވެ.

ހަމަމިއާއެކު މިރަށްރަށަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަދި ރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކުނަށް ކުރައްވާ މިދަތުރުފުޅުގައި ޖުމްލަ 14 ރަށަށް ވަޑައިގަންނަވައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހުއެވެ.

މީގެ ކުރިން އެމަނިކުފާނު ވަނީ ތ އަތޮޅުގެ ރަށްތަަކަށްވެސް ދަތުރުފުޅު ކުރައްވާފައެވެ. އަދި އިއްޔެ އާހަމައަށް އައްޑޫއާއި ފުވައްމުލަކަށްވެސް ދަތުރުފުޅުކުރައްވާފައެވެ.