ފުވައްމުލައް ސިޓީގެ 50 މަގެއްގައި ތާރުއަޅާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވައިފިއެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ރައީސް ރާއްޖޭގެ ދެކުނަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގެ 50 މަގެއް ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނިން ބުނީ އެއީ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއްކަމަށެވެ.

މީގެއިތުރުން އެކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ފުވައްމުލައް ސިޓީގެ މަގުތަކުގައި ވިއްސާރަ ދުވަސްދުވަހު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށެވެ.

ސަރުކާރުން ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތުގެ އަގަކީ 225 މިލިއަން ރުފިޔާއެވެ.