ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި ރަށުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާކަމާއި، މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން މަގު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، އަދި ތަރައްގީގެ ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށުގައި ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަމާއި، އައުޓްޑޯ ޖިމް، ފަތާ ޓްރެކް އަދި އ.ތ.މ. ކޮމިޓީއަށް އިމާރާތެއްގެ ބޭނުންތެރިކަންވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ވާދޫގެ ބިން ބޭނުންކޮށްގެން ރަށުގެ އިގުތިސާދު ކުރިއެރުވުމަށް ކަމުގައި ވިދާޅުވިއެވެ.އަދި ދަނޑުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާ ގުޅޭ އިންވެސްޓްމަންޓުތައް އެރަށަށް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގައި ނުފެށިހުރި މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ސަމާލުކަން ދެއްވާނެކަމަށާއި، އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.