ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ފެނިގެންއުޅޭ ކޮވިޑް-19 ވައިރަހުގެ ވޭރިއެންޓްތަކާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް، ޖަރުމަނުގެ ކިޔޯވެކާ ގުޅިގެން ތަރައްގީކުރަން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުނި ގްލަކްސޯސްމިތުކްލައިން-ޖީއެސްކޭއިން އިއުލާން ކޮށްފިއެވެ.

އެގޮތުން، އެކުންފުނިތަކުން ގުޅިގެން ތަރައްގީކުރާ ވެކްސިން ވެގެންދާނީ ކޮވިޑް ވައިރަހުގެ ތަފާތު ވޭރިއެންޓްތަކާ ދެކޮޅަށް ބޭނުން ކުރެވޭ ވެކްސިނަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

ޖަރުމަނުގެ ކިޔޯވެކާއި އިނގިރޭސިވިލާތުގެ ގްލަކްސޯސްމިތުކްލައިން-ޖީއެސްކޭއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިތަކުން ރާވާފައިވަނީ ވަގުތުން މަސައްކަތް ފެށުމަށް ކަމަށެވެ.

އަދި އަމާޒުކޮށްފައިވަނީ މިވެކްސިން 2022 ވަނަ އަހަރު ތައާރަފް ކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ޖަރުމަނުގެ ކިޔޯވެކަކީ، ކޮވިޑަށް މިހާރުވެސް ވެކްސިން ތަރައްގީކޮށްފައިވާ ކުންފުންޏެވެ.

އެކުންފުނީގެ ވެކްސިންގެ 100 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމުގެ މަސައްކަތަށް އެހީތެރިވުމަށް އިނގިރޭސިވިލާތުގެ ގްލަކްސޯސްމިތުކްލައިން-ޖީއެސްކޭއިން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ދެކުންފުންޏަކީ މިހާރުވެސް ގުޅިގެން މަސައްކަތްކުރާ ދެ ކުންފުންޏެވެ.

އެދެ ކުންފުނިން ބުނެފައިވަނީ، ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަހުގެ ތަފާތު ވޭރިއެންޓްތައް އުފެދި، މިހާރު އުފައްދާފައިވާ ވެކްސިންތަކުން ބަލިން ރައްކާތެރިކޮށްދޭ މިންވަރު ދަށްވަމުންދާނޭ ކަމަށެވެ.

އެހެންކަމުން، އަލަށް ފެންނަމުންދާ ތަފާތު ވޭރިއެންޓްތަކުން މީހުން ސަލާމަތްކޮށް ދިފާއުކޮށްދިނުމަށް އެއްފިޔަވަޅު ކުރިއަށް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެ ކުންފުނިތަކުން ބުނެފައި ވެއެވެ.

ޖީއެސްކޭގެ ޗީފް އެގްޒެކެޓިވް އެމާ ވޮލްމްސްލީ ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެވަނަ ޖެނެރޭޝަންގެ ވެކްސިން ވަރަށް މުހިންމުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، އާ ވޭރިއެންޓާ ދެކޮޅު ވެކްސިން ތަރައްގީކުރުމަށް ކިޔޯވެކާއި ގްލަކްސޯސްމިތުކްލައިން-ޖީއެސްކޭ ގުޅިގެން ކުރާ މަސައްކަތުގެ އަގު ގާތްގަނޑަކަށް 150 މިލިއަން ޕައުންޑަށް އަރާނެއެވެ.