ގދ ރަތަފަންދޫ އައިސް ޕްލާންޓް ހުއްޓިފައި އޮތުމުން ދިމާވާ ދަތިކަން ފާހަގަކުރައްްވައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން، ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ހުށަހަޅުއްވައިފިއެވެ.

މިއަދު ފިޔޯރީ ކައުންސިލު އިދާރާގައި ރަތަފަންދޫ ކައުންސިލް އަދި ރއތ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ކައުންސިލްގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި، އެކަށީގެންވާ ބޭސް ރަށުން ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސާ ހިއްސާކުރައްވާފައެވެ.

ހަމަމިއާއެކު ޞިއްޙީ މަރުކަޒުގެ އިމާރާތް ބާވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިސްކިތްތަކުގެ މަރާމާތަށް ބޭނުންވެފައިވާ ކަމަށާއި، އަދި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއި، މީގެއިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.