ގދ.މަޑަވެލީ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ގދ.މަޑަވެލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޚަލީލް ވިދާޅުވީ ރަށްރަށުގައި ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށެވެ. އެހެންކަމުން މިވަޢުދުގެ ދަށުން ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި، މިގޮތުން މިހަފްތާގެ ތެރޭގައި 4 ރަށެއްގައި ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގދ.މަޑަވެލީގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން މަޑަވެލީގައިވެސް ލެބޯރެޓަރީގެ ޚިދުމަތް ފުޅާކުރުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިރަށުގެ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށް އެގޮތަށް އެދިފައިވާނީ. ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ބެލެވެނީ. އެއާއެކު އިތުރު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާނަން." ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮލިޓީ ބޭސް އެތެރެކުރުމަށް ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ގަނޑުކޮށް ބޭސް އެތެރެކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ބޭހުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ބޭސް ރައްކާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.