ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހުންނަ ވަގުތީ މަސްމާރުކޭޓް ހިންގަން ބޭނުން ވާ ފަރާތްތަކަށް ކުއްޔަށް ހިފުމަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކުރަމުން އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ހުންނަ ވަގުތީ މަސްމާރުކޭޓް ކުއްޔަށް ހިފުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެތަން ކުއްޔަށް ދޭނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ގުރުއަތުލުމަކުން ކަމަށެވެ.

މި ވަގުތީ މަސްމާރުކޭޓް ކުއްޔަށް ދޭނީ އެއް އަހަރަށްކަމަށް ވާއިރު މަހުކުއްޔަކީ 6،000ރ. ކަމަށް އެޗްޑީސީ އިއުލާނުގައިބުނެފައި ވެއެވެ. އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 18،000ރ. ވެސް ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މަސް މާރުކޭތު ކުއްޔަށް ހިފުމަށް ލިބުނުކަން އެ ކޯޕަރޭޝަނުން އަންގާތާ 5 ދުވަސް ތެރޭ ލީސް ޑިޕޮސިޓް ދައްކަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މަސްމާރުކޭޓުގައި މަސްކަނޑާދިނުމުގެ ހިދުމަތް ދެވޭނީ އަންނަނިވި ކަންތައްތަކަށް ބަލާފައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އެގޮތުން އެ ކުންފުނިން ކަނޑައަޅާފައިވާ އަގުގައި ކަމަށާއި އެ އަގު ލިސްޓު އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހޭ ކަމަށާއި އެތަން ކުއްޔަށް ހިފަން ކުރިމަތިލާ ފަރާތަކީ 100 ޕަސެންޓް ދިވެހި ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށާއި އެއްވެސް ދަރަންޏެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ހުޅުމާލޭ ވަގުތީ މަސްމާރުކޭޓަކީ 2،378.82 އަކަފޫޓުގެ ތަނެކެވެ.

މަސްމާރުކޭޓު ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު ތިނެއްގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި ތަން ކުއްޔަށް ހިފުމަށްޓަކައި ހުށައަޅަން ޖެހޭ ފޯމު އެޗްޑީސީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.