ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމަށް ސޮއި ކުރި ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއިން އެ ސަރަހައްދުގައި 12 ރިސޯޓު ތަަރައްގީ ކުރަން ވެސް ހުށަހަޅައިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގައި ސޮއި ކުރެއްވީރޭ ތިނަދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ހިންގާ 600 މިލިއަން ޑޮލަރުގެ ބޮޑުމަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ ގދ. އަތޮޅަށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ މުހިންމުކަން ބޮޑުވަނީ އެއަތޮޅަކީ މާލެއާއި ދުރުގައި އޮންނަ އަތޮޅަކަށް ވާތީކަމުގައެވެ.

މުއްތޮލިބް ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރު ވަނީ އެ ސަރަހައްދުގައި ބާރަ ރިސޯޓު ތަަރައްގީ ކުރަން ވެސް ހުށަހަޅާފައެވެ. އަދޮ އޭގެ ސަބަބުން 2،400 އަށް ވުރެ ގިނަ އެނދު ގާއިމުކުރެވޭނެކަން ފާހަގަކުރުމާއެކު ވަޒީރު ވިދާޅުވީ މިއީ ހުވަދު އަތޮޅަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

މުއްތަލިބު ވިދާޅުވީ ތިނަދޫ ފަޅުގައި އަޅާ އެއަރޕޯޓަކީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއަކާއެކީ އަޅާ އެއަރޕޯޓެއް ކަމަށާއި، މިމަޝްރޫޢާއެކީ ގިނަ އެނދުތަކާއި ރިސޯޓްތަކެއްވެސް އެ ސަރަހައްދަށް އަންނާނެ ކަމުގައެވެ.