އދގެ ސަލާމަތީ މަޖިލީހަށް ބަދަލު ގެންނަން ސައުދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓާލުމަށް އަލްޖީރިއާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށައެޅި ބިލު އެމެރިކާއިން އަނެއްކާވެސް ވީޓޯ ކުރުމުން ސައުދީ އަރަބިއްޔާއިން ވަނީ ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ އެގައުމުން އދގެ ސަލާމަތީ މަޖިލީހުން ޣައްޒާއާއި ދެކޮޅަށް ނިންމި ނިންމުމައި މެދު ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ. މީގެއިތުރުން އދގެ ސަލާމަތީ މަޖިލީހަށް ބޮޑެތި ބަދަކުތަކެއް ގެންނަން ޖެހޭކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި އަލްޖީރިއާއިން ހުށައަޅާފައިވަނީ އިޒްރާއީލާއި ފަލަސްތީނުގެ ޒޯނުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ. އަދި ފަލަސްތީނުގެ އާންމުން މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށްލުމަށް ދެކޮޅު ހަދައި، ދެ ދައުލަތަކުން މި މައްސަލަ ހައްލުކުރުމަށް ވައުދުވުމަށް ބާރުއަޅާފައިވެ އެވެ. ރަޝިޔާ އާއި ޗައިނާ ހިމެނޭ ގޮތަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ގަރާރުގެ ޑްރާފްޓަށް ތާއީދުކޮށް ވޯޓު ދިން އިރު އިނގިރޭސިވިލާތުން ވޯޓު ނުދެއްވަ އެވެ. އެކަމާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި ގައުމަކީ އެމެރިކާ އެވެ.