ފެބްރުއަރީ 4 ވަނަ ދުވަހު އިންޓާ މިއާމީ އަދި ހޮންކޮންގްގެ އޯލް ސްޓާސް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ނުކުޅުނީ ސިޔާސީ އެއްވެސް ބޭނުމެއްގައި ނޫން ކަމަށް އިންޓާ މިއާމީގެ ސުޕާސްޓާ ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ, އިންޓާ މިއާމީއިން ހޮންކޮންގްއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅުނީ ސިޔާސީ ބޭނުމެއްގައި ނޫންކަމަށް ބުނަން ޖެހުނީ ޗައިނާގެ ދައުލަތުގެ ނޫހެއް ކަމުގައިވާ 'ދަ ގްލޯބަލް ޓައިމްސް' ނެރުނު ނޫހެއްގެ ސަބަބުންނެވެ. މެސީ ނުކުޅުނީ ހޮންކޮންގެ ދައުލަތައް ފުރައްސާރަ ކުރަން އުޅޭ އެހެން ފަރާތްތަކައް އެހީވުމުގެ ނިޔަތުގައި ކަމަށް އެނޫހުގައި ވަނީ ޝާއިއުކޮށްފައެވެ. ނަމަވެސް މިހުރިހާ ވާހަކަތަކެއް މެސީ ވަނީ ދޮގުކޮށްފައެވެ.

"ހޮންކޮންގްއާ ދެކޮޅަށް އަހަރެންގެ ޓީމު ކުޅުނު މެޗުގައި އަހަރެން ކުޅެން ނޭރީތީ އެކަމާ ބެހޭ ގޮތުން ވަރަށް ބައިވަރު ހަގީގަތެއް ނެތް ވާހަކަތައް ވަނީ ފެތުރިފަ. ބައެއް މީހުން އެބަ ބުނޭ އަހަރެން ނުކުޅުނީ ސިޔާސީ ބޭނުމެއްގައި ކަމަށް. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" އޭނާ އެމެޗުގައި ކުޅެން ނޭރުމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަމަށް ހާމަކުރަމުން މެސީ ބުންޏެވެ.

ޗައިނާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމު ކަމުގައިވާ ވީބޯއަށް މެސީ އާއްމުކުރި ވީޑިއޯއެއްގައި އޭނާ އެ މެޗުގައި ނުކުޅުނީ އިންޖަރީގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ. މެސީ ހާމަކުރި ގޮތުގައި, އިންޓާ މިއާމީއިން ހޮންކޮންގްގައި ކުޅުނު މެޗަށް އެރުމަށްޓަކައި އޭނާ މަސައްކަތް ކުރިކަމުގައިވިއަސް އޭނާގެ އިންޖަރީ ރަނގަޅު ނުވުމުން ނޭރުނީއެވެ.