ކެމްޕެއިން ތެރޭގައިވެސް ވައުދުވެވަޑައިގެންފައިވާ ފަދައިން، މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީކޮށް އެ އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގދ. ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ގދ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ގައްދޫގެ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއު ފާހަގަކުރައްވައި، އެކަން މި ސަރުކާރުން ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަހަށް ކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‎މިއަދުގެ ޖަލްސާގައި ރައީސްވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެ އެކަމަށް ހުވައެއްކުރުމަށްފަހު، ހަމަހަމަކަމާއެކީ އެމީހަކު އެނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް، މަގާމުތަކަށް އިންތިޚާބުވާ ފަރާތްތަކަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

"ރައްޔިތުން އިންތިހާބެއްގައި އެމީހަކު ހޮވައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާންޖެހޭކަމަކަށް ހަދައިގެން ނުވާނެ". .
ރައީސް ވިދާޅުވިއެވެ

‎މި ޖަލްސާގައިވެސް ރައީސް ވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ގައުމު ތަރައްގީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.