ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ގއ. ގެމަނަފުށީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށަކީ މަސްވެރި އޮޑިދޯނިފަހަރު ގިނަ ރަށެއްކަން ފާހަގަކުރައްވައި ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު އިތުރު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެކޮމިޓީގެ ކުރިއެރުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ސަމާލުކަންދެއްވައި ކުރިޔަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.