ގެމަނަފުއްޓަކީ މަސްވެރިކަމުގައި ވަރަށް މަޝްހޫރު ރަށެއްކަމުގައި ފާހަގަކުރައްވައި، ރަށުގެ ރައްޔިތުން އެދޭގޮތަށް އެރަށުގެ ބަނދަރު ސިނާއީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެމަނަފުށީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މަސްވެރިކަން ތަރައްގީކުރުމަށް ވިސްނައިގެން ގެމަނަފުއްޓަށް ތަރައްގީ ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހަމައެއާއެކު މިއަދު ގެމަނަފުށީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ތަފުސީލީ ގޮތެއްގައި މަޝްވަރާކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ހާސިލުކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއްދީގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ގެމަނަފުށީގައި މިހާރު ފެށިފައިހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރަށް މަޖިލީހުގެ ތާއީދާއެކު ގައުމަށް ތަރައްގީ ގެނައުމަށް ފަސޭހަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ތަރައްގީގެ އެތައްކަމެއް މަޖިލީހުގެ މަސައްކަތްތަކާއިވެސް ގުޅިފައިވާކަން ފާހަގަކުރައްވައި އެކަންކަން ޙާޞިލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
އެގޮތުން ރައްޔިތުން ދެއްވާ ތަރުޙީބާއެކު ތަރައްގީގެނައުމަށް ސަރުކާރަށް ފަސޭހަވާނެކަމުގައި ފާހަގަކުރައްވައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.