ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބާސާގެ މިޑްފީލްޑާ ފްރޭންކީ ޑިޔޮންގް ބުނެފިއެވެ.

ޑިއޮންގް މިހެން ބުނެފައިމިވަނީ ޕެރިސް ސްއިންޓް ޖާމަންއިން އޭނާ ގެނައުމަށް ބޭނުންވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ސްޕެންޝް މީޑިއާއެއް ހާމަކުރި ގޮތުގައި ޕީއެސްޖީގެ އިތުރުން ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ ޑިއޮންގްއަށް ފާރަލަމުންނެވެ.

ޑިއޮންގްގެ ކުރިމަގާ މެދު ކެނޑިނޭޅި ހަގީގަތެއް ނެތް ވާހަކަތައް ފެތުރެމުންދާތީ ޑިއޮންގް ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. "އަހަރެން އަސްލު މިހުރީ ވަރަށް ހިތްހަމަނުޖެހިފަ ފަހަކަށް އައިސް އަހަންނާ ބެހޭ ގޮތުން ބައެއް ނޫސްތަކުން ދައްކާފައިވާ ވާހަކަތަކުން. އަހަންނަކަށް ނޭންގެ ކީއްވެގެން ކަމެއް ނޫސްތަކުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަނީ. އަހަރެން ބާސާގައި މިހުރީ ވަރަށް ހިތްހަމަޖެހިގެން. އަހަރެން ބޭނުންވަނީ އެތައް އަހަރެއް ވަންދެން ބާސާގައި ކުޅުމުގެ ފުރުސަތު ލިބުން" ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ޑިއޮންގް ބުންޏެވެ.

ޑިއޮންގް ބާސާއާ ގުޅުނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާގެ ސޮއި ޔަގީން ކުރުމަށް ބާސާއިން ވަނީ 75 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ. އޭގެ ފަހުން ޑިއޮންގް ވަނީ ބާސާއަށް ޖުމްލަ ތިން ތަށްޓެއް ކާމިޔާބު ކޮށްދީ، އެޓީމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ.