މާލެސިޓީ ބޮޑުތަކުރުފާނު މަގުގައި ސައިކަލެއް ގޮސް ބަހަކާއި ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފުލުހުން ހާމަކުރި ގޮތުގައި މިއީ އެއްގަމު ދުއްވާ އުޅަނދުގެ ލައިސަންސް ނެތް މީހެކެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިރޭ 8:00 ޖަހާކަންހާއިރު ރިޕޯޓް ކުރި އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވާފައި އައި ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕްގައި އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހި، މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މީނާއަށް އައިޖީއެމްއެޗް އީއާރްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.