ކޫއްޑޫގައި މަސްވެރިން ކުރަމުންދިޔަ އިހްތިޖާޖު ހުއްޓާލައި ކޫއްޑޫ އަލުން އަނބުރާ އޮޕަރޭޝަނަށް އައިސްފި އެވެ.

ފައިސާ ނުލިބިގެން މިމަހު 18 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހްތިޖާޖުގެ ސަބަބުން ކޫއްޑޫ އޮޕަރޭޝަން އެއްކޮށް ހުއްޓުމަކަށް އައިސް މަސް ނުކިރި، އައިސް ނުލިބި ތެޔޮ ވެސް ނުލިބި މަސްވެރިންނަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ކަމަށްބުނެ، ގިނަ މަސްވެރިންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި އިހުތިޖާޖު ކުރުމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު، އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މި މަހުގެ 26 ކުރިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ނިންމާނެ ކަމަށާއި އަންނަ މަހުގެ ފަހެއްގެ ކުރިން ހުރިހާ ފައިސާއެއް މަސްވެރިންނަށް ދޫކުރާނެ ކަމަށެވެ.

މި ސަރުކާރުން މިހާތަނަށް 400 މިލިއަނާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާއިރު، ބާކީ 300 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.

މުޒާހަރާ ހުއްޓާލާފައި މިވަނީ މަސްވެރިންނަށް ދޭންހުރި ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވަނިކޮށެވެ. އެގޮތުން މި ދެދުވަހުގެ ތެރޭގައި 70 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާއިރު 30 މިލިއަން އަންނަ ހަފްތާގައި ދޫކުރަން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.