ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު, ގއ. އަތޮޅު ކައުންސިލާއި އެއަތޮޅު ވިލިގިލީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ގއ. އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވިލިގިނލީ ބަނދަރުގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމާއި، އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ފުޅާކުރުމާއި، އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމާއި، ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި، ވިލިނގިލި ކައުންސިލުގެ އިހްތިސާސްގެ ދަށަށް ފަޅު ރަށެއް ގެންނަން ބޭނުންވާކަމާއި، ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި އަދި ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.

ގއ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ ހުރިހާ ރަށެއްގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ މިހާރު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްޓޭޓް ހައުސްގެ މަރާމާތަށް ބޭނުންވާކަމާއި އަދި އަތޮޅުގެ ތަރައްގީއަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންކަން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަންދެއްވައިގެން އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ