އެމްއެލްއެސްގެ އާސީޒަނުގެ ފުރަތަމަ މެޗުގައި އިންޓާ މިއާމީ އަދި ރިއަލް ސޯލްޓް ލޭކު ބައްދަލުކުރި މެޗު 2-0 އަކުން މިއާމީއިން ކާމިޔާބުކޮށްފިއެވެ.

އިންޓާ މިއާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗަށް މިއާމީއިން ނިކުތީ، މިސީޒަނުގައި އެޓީމާ ގުޅުނު ލުއިސް ސުއަރޭޒްގެ އިތުރުން ޓީމުގެ ތަރިކަމުގައިވާ ލިއޮނަލް މެސީ ކުރިއަށް ލައިގެންނެވެ.

ދެޓީމުން ބައްދަލު ކުރި މެޗުގައި މިއާމީގެ ފަރާތުން ފެނިފައިވަނީ ރަނގަޅު ކުޅުމެކެވެ. އެޓީމުން ވަނީ މެޗު ފެށިގެން ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހިލޭ ޖެހުމެއް ސޯލްޓް ލޭކްގެ ޑިފެންޑަރު ޖަސްޓެން ގްލޭޑް ވަނީ ގޯލު ލައިނު މަތިން މަތަކޮށްފައެވެ.

މިއާމީއިން މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބާޓް ޓޭލާއެވެ. ޓޭލާގެ ލަނޑަކީ ސޯލްޓް ލޭކުގެ ގޯލްކީޕަރު ޒެކް މެކްމެތުއަށް ހެދުނު ގޯހަކުން ވަން ލަނޑެކެވެ. ޓޭލާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން މިއާމީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސޯލްޓް ލޭކަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހިވި ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ނުހިފިފައެވެ. އެގޮތުން މިއާމީގެ ސާޖިއޯ ބުސްކެޓްސް އަތުން ހެދުނު ގޯހަކުން ފަހިވި ފުރުސަތެއް ސޯލްޓް ލޭކުގެ އަންޑްރޭ ގޯމޭޒްއަށް ވަނީ ނިންމާލެވޭ ގޮތް ނުވެފައެވެ.

މިއާމީއިން އެޓީމުގެ ލީޑު ފުޅާކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ލުއިސް ސުއަރޭޒް ފަހިކޮށްދިން ފުރުސަތަކުން މިލަނޑު ކާމިޔާބުކުރީ ޑިއޭގޯ ގޯމޭޒެވެ. ގޯމޭޒުގެ ލަނޑާއެކު މެޗު ނިމިގެންދިޔައީ މިއާމީއަށް ސީޒަނުގެ ފުރަތަމަ މޮޅު ކަށަވަރުވެގެންނެވެ.

ސީޒަނުގެ ފުރަތަމަ މެޗުން މޮޅުވުމާއެކު މިއާމީއިން ވަގުތީ ގޮތުން އޮތީ ތާވަލުގެ އެއްވަނައިގައެވެ.