މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވޭނަމަ އެމީހުން އެ މަޤާމުގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށާއި އަދި މުވައްޒަފުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވޭނަމަ އެކަށޭނަ މަސައްކަތެއްވެސް ނުކުރެވޭނެ ކަމަށެވެ.

ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މި ނޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް ދެދޭ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކޮށްދީ، އެކަކު އަނެކަކަށް އިތުބާރު ހިފޭނެ މާޙައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮގްރާމުން އެކަން ޙާޞިލްވެފައިވާ މަންޒަރު ފެނިގެންގޮސްފައިވާކަން ފަހުމީ ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް 37 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މި ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހިންގުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.