ބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއު އިފުތިތާހު ކޮށްދެއްވާފައިވަނީ، މިއަދު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އާންމު ސިއްހީ ހިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސްގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވައުދެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް 4 ރަށެއްގައި މިއަދު މި ހިދުމަތް ދޭން ފަށާނެކަމަށެވެ. އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ހިދުމަތް ދޭން ފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.