ވިލިމާލެ ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ތޭރަ މީހުންނަށް އަނިޔާވެއްޖެެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކަނޑުމަތީގެ މިއެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭގެ 07:48 ގައި ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ 10 މީހުންނާއި، އަނަންތަރާ ރިޒޯޓުގެ 3 މީހުންނެވެ. މިހާދިސާ ހިނގާފައި ވަނީ އެފްކޮންސްގެ މުވައްޒަފުން ދަތުރުކުރި ލޯންޗަކާއި އަންނަތަރާ ރިޒޯޓުގެ ލޯންޗެއް ޖެހިގެންނެވެ.

މިހާދިސާގައި އަނިޔާވި މީހުންނަށް އެންމެ ފުރަތަަ ފަރުވާ ދީފައި ވަނީ، ވިލިމާލެ ހޮސްޕިޓަލުގައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ 6 މީހަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމުގައިވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކަނޑުމަތީގެ މި އެކްސިޑެންޓާއި ގުޅިގެން މެރިން ޕޮލިސް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.