"އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު އާއްމުކޮށް، އެ އުސޫލުގެ ދަށުން އެހީއަށް އެދުމަށް 15 މާރިޗް 2024 އިން ފެށިގެން ހުޅުވާލާނެ ކަމުގައި، އެންސްޕާއިން ބުނެފިއެވެ.

މި މައުލޫމާތު ހާމަކުރަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ މިކަމަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، އެ އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މި ޚިދުމަތް ލިބޭގޮތަށް ކަމަށެވެ.

އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގްބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަރ ސެންޓަރއެއް ޤާއިމް ކުރެވިގެންދާނެކަމުގައިވެސް ހީނާ ވަލީދު ވިދާޅުވިއެވެ.

ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި އެފަދަ ފަރުވާތައް އާސަންދައިގެ ތެރެއިން ކުރެވެން ނެތުމަކީ، އާއްމުންގެ ތެރެއިން ގިނަ ބަޔަކު އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.