ހިޔާ ޓަވަރެއްގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ވިލުންވެރިކަން އިތުރުކުރުމުގެ މަގްސަދުގައި، ހާދިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ އެޖެންސީތަކުން ގުޅިގެން "އެކްސަސައިޒް ހިޔާ" ނަމުގައި އެކްސަސައިޒެއް ބާއްވައިފިއެވެ.

މިއީ، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސް އެއިޑް) 'ސްޕްރިންގ ޕްރޮޖެކްޓް' ގެ ދަށުން އޭޝިއަން ޑިޒާސްޓަރ ޕްރެޕެއަރޑްނެސް ސެންޓަރ (އޭޑީޕީސީ) އިން ސަޕޯޓް ދީގެން ބޭއްވި މި އެކްސަސައިޒެކެވެ.

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓް 16 ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި މި އެކްސަސައިޒް ކުރިއަށް ގެންދިޔައީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެންނެވެ.

މި އެކްސަސައިޒަކީ، ހާދިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ އެޖެންސީތަކުގެ އެސްއޯޕީތަކަށް އަހުލުވެރިވުމުގެ ގޮތުން، ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގައި ވާންޖެހޭ ތައްޔާރީއާއި، ކޯޑިނޭޝަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.

މިގޮތުން، އިޖާބަދިނުމުގެ އިސްތިރާޖީތައް ޢަމަލީގޮތުން ޓެސްޓްކޮށް، ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް ޓަކައި މި އެކްސަސައިޒްގައި، ހިޔާ ޓަވަރެއްގައި ރިއަލް ލައިފް ސިނާރިއޯއެއް ސިމިއުލޭޓްކޮށް، ވަނީ ފަރިތަކޮށްފައެވެ.

މި އެކްސަސައިޒް އިތުރު އެހީތެރިކަން ދީފައިވާ އެޖެންސީތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެޗްޑީސީއާއި، މާލެ ސިޓީ ކައުންސިލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އަދި އީއެމްއެސްގެ އެހީތެރިކަން އެހީތެރިކަން ވަނީ ލިބިފައެވެ.