ހއ. ހޯރަފުށީގައި ހުއްޓިފައިވާ މަޝްރޫތައް ނިންމަވައި، ބަޖެޓުގެ ކަންތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް ޑރ މުއިއްޒު މި ޔަގީންކަމާ ދެއްވީ، މިއަދު މެންދުރު ހޯރަފުށީ ކައުންސިލްގެ އިދާރާގައި، އެރަށު ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހޯރަފުށީ ކައުންސިލުން ވަނީ އެރަށު އައިހެވަން މަޝްރޫ ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ގާއިމުކުރަން ބޭނުންވާކަމަށް ރައީސް ޑރ މުއިއްޒަށް ހުށަހަޅުއްވާފައެވެ.

އަދި އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލައާއި، ރަށުން ބިން ހިއްކައިދީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިހާރު އެރަށުގައި ހުއްޓިފައި ހުރި މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ އެ މަޝްރޫތައް އަލުން ފައްޓަވައިދެއްވުމަށެވެ.

މިކަމަށް ރައީސް ވަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރެވެމުންދާ މިންވަރަކުން މަޝްރޫތައް ކުރިއަށްގެންދަވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވަނީ އެ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައެވެ. މިކަމަށް ރައީސް ވިދާޅުވީ ބަޖެޓުގެ ދަތިކަމަކީ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންވެސް ފާޅުކުރާ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ކަމަކީ ގާނޫނުގެ ތެރެއިން ހައްލު ހޯދަންޖެހޭ ކަމަކަށްވާތީ އެކަމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރު 4 އަތޮޅަކަށް ވަޑައިގަތުމަށް މިއަދު ރައީސް ދަތުރުފުޅު ފައްޓަވާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަދި ގއ. ގެ ބައެއް ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ.