އިހަވަންދޫ އާއި ހޯރަފުށި ހއ.އަތޮޅުގެ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާނެެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ ބަނދަރަށް ތަރައްގީކުރުމާއި މަތީ ތައުލީމުގެ ކެމްޕަސް އަދި ސިއްހީ މަރުކަޒުގައި ޑަޔަލިސިސް ހިދުމަތް ފެށުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"މި ސަރަހައްދުގެ އާބަން ސެންޓާއެއްގެ ގޮތުގައި އަޅުގަނޑު ބަލަނީ މި ރަށާއި ހޯރަފުއްޓާ. އެހެންވީމާ މި ސަހަރައްދަށް ބޭނުންވާ ތަރައްގީގައި ލާޖް ސްކޭލް މަސައްކަތްތަކެއް ހިނގަން ޖެހޭނެ. މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުމަކީ ވެސް ކުޑަކުޑަ ފެސިލިޓީއަކަށްވުރެ ބޮޑަށް ލާޖް ސްކޭލްކޮށް ކުރަން ބޭނުންވާ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިހަވަންދޫގެ މަގުތައް ހެދުމަށް ބަޖެޓުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރި ނަމަވެސް، މިއަހަރުގެ ތެރޭގައި ހުރިހާ މަގު ހެދޭ ވަރަށް ފައިސާ ނެތް ކަމަށާއި އެކަމަކީ ފަސް އަހަރުގެ ތެރޭގައި ކުރަން ވައުދުވެވަޑައިގެންނެވި ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ވެސް އެގޮތަށް ތަރުތީބުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިހަވަންދޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި ހުރިހާ ކަމެއްގައި ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.