ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ 2023ގައި ބައިވެރިވެވަޑައިގެންފިއެވެ.

މިޖަލްސާ ބާއްވާފައިވަނީ މިއަދު ހަވީރު ކަސްޓަމްސްގެ ހޯލްގައެވެ.

މިޖަލްސާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މުޖުތަމައެއްގެ ނުވަތަ ގައުމެއްގެ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތުގައި ކުރިއަށްދިއުމަށް އަންހެނުންނަށް ތަފާތު ހުނަރުތަކާއި ތަމްރީނުތައް ލިބެންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ގަރލް ގައިޑުގެ ހަރަކާތުން ދަސްކޮށްދޭ ހުނަރުތަކާއި، އިލްމުތަކާއި، އަށަގަންނަ ކެރުމާއި، ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ، މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަގާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނަރސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވާފައެވެ.

މިޖަލްސާގައި ގަރލް ގައިޑް އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ބަޔާން އިއްވުން އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑަށް ހަނދާނީ ފިލައެއް އެރުވުންވެސް މި ޖަލްސާގައި އޮތެވެ.