ހއ. އިހަވަންދޫގައި ތަރައްގީ ކުރާނީ ސަރަހައްދީ ފެންވަރުގެ މަސް ފެކްޓްރީއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިހަވަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ، އެ ރަށަކީ އެ ސަރަހައްދުގައި މަސްވެރިކަމުގައި މައި ސިނާއީ ރަށަށްވުމާއެކު، އެ ދާއިރާއިން ސަރަހައްދީ ފެންވަރުގެ ހިދުމަތްތައް އިހަވަންދޫގައި ގާއިމުކުރައްވާނެ ކަމަށެވެ.

އިހަވަންދޫގައި މަސްކިރާ ފެންޓްރީއެއް ގާއިމުކުރުމުގެ ހުވަފެން މި ސަރުކާރުން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށާއި އަދި ފެކްޓްރީ ވެގެންދާނީ ސަރަހައްދީ ފެންވަރުގެ މަސް ފެކްޓްރީއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ސަރަހައްދަށް ދެމެހެއްޓެނިވި ދާއިމީ ހައްލެއް ގެނެވޭނީ ލާޖް ސްކޭލް ޕްރޮޖެކްޓަކުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ 10 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާގެ މަސްކިރާ ފެކްޓްރީއެއްގެ ޕްރޮޖެކްޓެއް ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ފުލް ސްކޭލްގައި މިއަހަރު ފަށާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.