ހއ. ދިއްދޫގެ ބިން ހިއްކައި، އެ ރަށުގައި އައު ހޮސްޕިޓަލެއް އަޅައި އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް މިއަދު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހއ.ދިއްދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން އެރަށު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް މިހާރުވެސް ހަނދުމަފުޅު ހުރި ކަމަށެވެ. އަދި އެ ވަޢުދު ތަކުގެ މަތީގައި އަދުވެސް ދެމިހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
މިއާއެކު ރައީސް ވިދާޅުވީ، މިވަގުތަށް ދިއްދޫ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރެއިން އެރަށަށް އެންމެ މުހިންމު، އަދި އެންމެ އިސްކަންދޭންޖެހޭ ކަމަކީ، އެރަށުގެ ސިއްހީ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ.
އެހެންކަމުން، ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރު ރަނގަޅު، ގިނަ ހިދުމަތްތައް ލިބޭ އާ ހޮސްޕިޓަލެއް މި ދައުރުގައި އަޅުއްވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި އެ އައު ހޮސްޕިޓަލް ވެގެންދާނީ އަތޮޅަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ހޮސްޕިޓަލަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރުގެ ބަޖެޓްގެ ތެރެއިން އެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޖާގަ ނެތް ނަމަވެސް، ބޭރުގެ އެހީ ހޯދައިގެން ކުރާ ކަންކަމުގެ ތެރޭގައި އެކަމަށް އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުން، އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެފަދަ މަޝްރޫޢުތަކަށް ފަންޑު ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ވެސް ފާހަގަކުރެއްވި އެވެ.
ހަމަމިއާއެކު ދިއްދޫގައި މިހާރު ހުރި ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މިހާރުން މިހާރަށް ހޯދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ސީޓީ ސްކޭންގެ ހިދުމަތާއި، އިތުރު އެމްބިއުލާންސެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބޮޑު ފަންޑިންއަކަށް މަޑު ނުކޮށް، މިހާރުން މިހާރަށް ވެސް އަޕްގްރޭޑް ކުރަން ހުރި ކަންކަން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ އިތުރުން، ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ދިއްދޫގައި ވައިގެ ބަނދަރެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.