ވަށަފަރު ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމުގައި ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ވަށަފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮންމެ ރަށެއްގައިވެސް ޞިއްޙީ މަރުކަޒުތަކުގައި އެރަށެއްގެ ނިސްބަތުން ލެބޯޓްރީ ޚިދުމަތް ޤާއިމުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، އެކަން އެގޮތަށް ވަށަފަރުގައިވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒެއް ޤާއިމުކުރުމަށްވެސް ސަމާލުކަން ދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަށަފަރަށް ކޮށްދޭން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިންނެވިއެވެ.