ކުރިއަށް އޮތް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ކަންކަން އަންނަ މަހުގެ 10 ވާ ހޯމަ ވިލޭރޭގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ.

އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭއިން ވަނީ ވަނީ ބުނެފައެވެ.

ޑީޖޭއޭ އިން ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭ އިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށެވެ.

މިގޮތުން ރޯދަމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާރިޗް 10 އަންނަ އާދިއްތަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.

"ވީމާ، މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހައި އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ." ޑީޖޭއޭގެ ބަޔާނުގައިވެއެވެ.