ބައިނަލްއަގުވާމީ ބިޑަށް ހުޅުވާލައިގެން ބާރަށުގެ އިކޯ ޓޫރިޒަމް މަޝްރޫއު ކުރިޔަށްގެންދަވާނެ ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއީ އިގްތިސާދަށް ބަލާއިރު ރަށުގެ ތަރައްގީއަށް އެންމެ ފައިދާ ހުރި މަޝްރޫއުކަމުގައި ވެސް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މިއީ ރިޔާސީ ކެމްޕެއިންގައި ބާރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއްކަމަށާއި، އެކަންކަން ފުއްދުމަށް ރެޔާދުވާލު މަސައްކަތް ކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަޝްރޫޢު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށްދާއިރު ރަށުގައި ވެހިކަލް ދުއްވުމުގައި ހުރި އުނދަގޫތައް ނައްތާލުމަށް ރިންގު ރޯޑެއްވެސް ތަރައްޤީ ކުރެވިގެންދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި މަޝްރޫއުތައް ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދިއުމަށް ކުރިއަށް މިއޮތް މަޖިލިސް އިންތިހާބުގައި އެ މަނިކުފާނުގެ ޕާޓީއަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ މިހާރުގެ މަޖިލީހުން އެ މަނިކުފާނާއި ކެބިނެޓަށް ޖެއްސުންކުރާ ކަމަށާއި، އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.