ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުން އެދިވަޑައިގެން، "ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު" އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވަވައިފިއެވެ.

މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވައި، 12 ފެބްރުއަރީ 2024 ގައި ތަސްދީގްކުރުމަށް ފޮނުއްވާފައިވާ ބިލެކެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޟުވާ ކަންކަމާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސްއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީކަމަށް، ބިލް އަނބުރާ ފޮނުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި، މިގޮތުން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް ބަޔާންކޮށްދެއްވާފައިވެއެވެ.