ފަލަސްތީނުގެ "ޖެނޮސައިޑް" ގައި ބައިވެރި ނުވުމަށް އެމެރިކާގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

ވޮޝިންޓަން ޑީސީގައި ހުންނަ އިސްރާއީލުގެ އެމްބަސީ ކުރިމަތީގައި އަމިއްލަ ގައިގައި އަލިފާން ރޯކޮށްލައިގެން މަރުވި މީހާއަކީ ޓެކްސަސްގެ ސެން އެންޓޯނިއޯގެ އާރޮން ބުޝްނެލް، 25އ، ކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ރޯ ކުރުމުގެ ކުރިން އޭނާ ބުނީ 'މީގެފަހުން މި ޖެނޮސައިޑްގައި ބައިވެރި ނުވާނަން' ކަމަށެވެ.

އޭނާ ވަނީ އަމިއްލަ ގައިގައި ރޯ ކޮށްލި ތަން މުޅި ދުނިޔެއަށް ދެއްކުމަށް ޓަކައި އެކަން ލައިވް ކޮށްފައެވެ. މިކަން ބަލަން ތިބި މީހުން ހެކިދޭ ގޮތުގައި އަލިފާން ރޯ ކުރުމުގެ ކުރިން އޭނާ ބުނީ 'މިހާރު ނަސްލު ނައްތާލުމުގައި ބައިވެރިއެއް ނުވާނެ' ކަމަށާއި އޭނާ އަނދާ ހުލިވަމުން ދިޔައިރު 'ފްރީ ފަލަސްތީން' އޭ ގޮވާ އަޑު އިވިފައިވާ ކަމަށެވެ.

އޭނާ މަރުވުމުގެ ކުރިން އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ އަލިފާން ނިއްވާލާފައެވެ. އޭނާ ވަގުތުން ހޮސްޕިޓަލައް ގެންދެވުނު ނަމަވެސް އޭޏާގެ ފުރާނަ ސަލާމަތެއް ނުވިއެވެ.