26 ފެބްރުއަރީ ރެހެންދި ސްކޫލް އަދި ގާޒީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި ސަލާހުއްދީން ސްކޫލު ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި، މާލެ އޭރިއާ 2 ގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު، ތައުލީމީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މަރްޔަމް ނާޞިރު އަދި ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުންނާއި ރެހެންދި ސްކޫލު އަދި ގާޒީ ސްކޫލުގެ އިސްވެރިން ބައިވެރިލެވެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރެހެންދި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ޝެނީން ދެއްކެވި ވާހަކަފުޅުގައި، މި ތަމްރީނަކީ ސްކޫލުތަކުގައި ދަރިވަރުންނަށް ކޮންމެހެން ހުންނަން ޖެހޭ ތަމްރީނުތަކެއްކަމަށް ގަބުލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ތަމްރީނުތައް ދަރިވަރުން ކުރިއަށް ގެންގޮސްފައި ވަނީ ނުހަނު ބޮޑު އިސްކަމެއްދީގެން އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަންދީގެންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިވަރުންނާއި މުހާތަބުކުރައްވައި، ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ނިންމި ދަރިވަރުންނަކީ ވަރަށް ކެރޭ އަދި ހިތްވަރު ގަދަ ކުދިންތަކެއްކަމަށް ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ އެންމެ ބާރުބޮޑުވާ ސަރަހައްދުތަކުގައި ތިޔަ ދަރިވަރުން ކިޔަމަންތެރިކަމާއި ހިތްވަރާއެކު ނުކުމެ ދެއްކި ނަމޫނާ މަސައްކަތް ފާހަގަކުރައްވައި އެ ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ. އަދި ދަރިވަރުން ތައުލީމު ނިމި މިދާއިރާއިން ކުރިއަށްދާއިރު، މިއަދު ދަރިވަރުންނަށް ލިބިފައިވާ ތަމްރީނުތަކުގެ ބޭނުން ހަމައެކަނި ޑިއުޓީގައި ނުކޮށް، މަގުމަތީގައި ދިމާވާ ކަންކަމުގައި ދަރިވަރުންގެ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދީ އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށް އެ ތަފާތު ދަރިވަރުން ދައްކާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސްދިނުމަށްޓަކައި އެހީތެރިވެ ދެއްވި ފަރާތްތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި، ރެހެންދި ސްކޫލާއި ގާޒީ ސްކޫލުގެ ޓްރެފިކް މޮނިޓާސް ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓާއި ޓެގް ހަވާލުކޮށްފައިވެއެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި ޓްރެފިކް ކޯޑިނޭޓަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ދެ ސްކޫލުގެ ޓްރެފިކް މޮނިޓަރުން މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މިރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ގައުމީ ސަލާމައްފަހު ބައިވެރިންގެ ގްރޫޕް ފޮޓޯނެގުމައްފަހުގައެވެ.

ފެބުރުވަރީ 17 އިން ފެށިގެން ހަ ދުވަހުގެ މުއްދަތަށް އެ ދެ ސްކޫލުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމުގައި ޣާޒީ ސްކޫލުގެ 17 ދަރިވަރުންނާއި ރެހެންދި ސްކޫލުގެ 43 ދަރިވަރުން ބައިވެރިވިއެވެ.