ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ރޯދައިގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާހު ތަސްދީގު ނުކުރައްވައި އަލުން އަނބުރާ މަޖިލީހަށް، މިއަދު ފޮނުއްވައިފި އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ދާދި ދެންމެ އަކު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެ އިސްލާހު އަނބުރާ މަޖިލީހަށް ފޮނުއްވެވީ ރައްޔިތުންގެ މަޖިލީހުން އެ އިސްލާހާއި މެދު އަލުން ވިސްނުމަށް އެދިވަޑައިގެން ކަމަށެވެ.

"ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް" އަކީ 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވައި، 12 ފެބްރުއަރީ 2024 ގައި ތަޞްދީޤުކުރުމަށް ފޮނުއްވާފައިވާ ބިލެކެވެ.

އެ ގާނޫނަށް ގެނެވުނު އިސްލާހާއެކު މަޖިލިސް އިންތިޚާބު ބާއްވަން ޖެހެނީ ރޯދަމަސް ނިމި، ދިހަ ދުވަސް ފަހުންނެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީކަމަށް، ބިލް އަނބުރާ ފޮނުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.